ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބ. އަތޮޅު ދަތުރުފުޅުގެ ތެރެެއިން މިއަދު ބ. މާޅޮހުގައި ދެ މުހިންމު މަޝްރޫޢެއް ފަށައިފިއެވެ. އެގޮތުން މާޅޮހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ، ހޯމްމިނިސްޓާރ އަޅުއްވައިދެއްވުމާއެކު، އޭޓީއެމްގެ ޚިދުމަތް ރައީސް ވަނީ ފައްޓަވައިދެއްވާފައެވެ.
ފުލުހުންގެ މަރުކަޒުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ފަށްޓަވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢެކެވެ.
ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަމުގެ ސަބަބުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މާޅޮހުގައި އޭޓީއެމްގެ ޚިދުމަތްވެސް ފައްޓަވައިދެއްވާފައެވެ. މިއީ ރާއްޖޭގައި ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން 47 ވަނަ ރަށް ކަމަށްވާއިރު، މިހާރު ވަނީ ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިފައެވެ. މި އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ނެގުމާއި، ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި، ޓްރާންސްފަރ ކުރުމުގެ އިތުރުން ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބޭނެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިހާތަނަށް ހއ. އަތޮޅު، ށ. އަތޮޅު، ދ. އަތޮޅު، ނ. އަތޮޅު، މ. އަތޮޅު އަދި ކ. އަތޮޅު ހިމެނޭގޮތަށް 6 އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ. މި އޭޓީއެމްއާއެކު މުޅި ރާއްޖޭގައި ބީއެމްއެލްގެ 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

