ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރައީސް މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕާކިސްތާނުން މިނިވަންކަން ހޯދުމަށް މިހާތަނަށް ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.
ޕާކިސްތާނަކީ ރާއްޖެއާ އެކު ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވިފައިވާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ބަދަހިވެފައިވެއެވެ.
ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓް 14 ވަނަ ދުވަހުއެވެ. މިއީ 1947 ވަނަ އަހަރު ބްރިޓިޝް އިންޑިއާއިން ވަކިވެ، ޕާކިސްތާނުގެ މިނިވަން ދައުލަތް އުފެދުނު ދުވަހެވެ.

