މިދިޔަ މަހު ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި ބޮޑަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އައި މީހާ ނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގީ މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު، ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަނޑިއެއްގައި ޖެހުމުންނެވެ. މި ހާދިސާގައި ސައިކަލުގައި ދަތުރުކުރި ދެ އަންހެނުންނަށް އަނިޔާވެ، ފުރަތަމަ ފަރުވާ ދިނުމަށް ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނެވެ.
އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި އަންހެން މީހާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާ ދިނުމަށް މާލޭގެ އައިޖީއެމްއެޗަށް ބަދަލުކުރެވުނެވެ. އެހެން ނަމަވެސް، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ހާމަކުރެއްވިއެވެ.
ނިޔާވި މީހާގެ އިތުރު މަޢުލޫމާތު މި ވަގުތު ސާފުވެފައެއް ނުވެއެވެ. އަދި މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން ތަޙުޤީޤު ކުރިއަށް ގެންދާކަން އެނގިފައިވެއެވެ.

