ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް ކުރިއަށްގެންދާ “މަދިރިން ރައްކާ” ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ފޮގު ކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ފަށައިފައެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، “މަދިރިން ރައްކާ” ކެމްޕެއިނަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި، ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ދެނެގަނެ، މަދިރި އާލާވުން މަދުކުރުމަށް އެ ކޯޕަރޭޝަނުން ކޮންމެ އަހަރަކުވެސް އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ކެމްޕެއިންގެ ދަށުން ފޮގު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، މި މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ފަތިހު 5:00 އަށާއި ހަވީރު 5:30 ގައި ކަމަށް އެޗްޑީސީން ހާމަކުރެއްވިއެވެ.
މަދިރީގެ ޒަރީއްޔާއިން ފެތުރޭ ބަލިތައް މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް ފާހަގަކުރެވޭއިރު، ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ދެނެގަނެ، އެފަދަ ބައެއް ތަންތަން ސާފުކޮށް ނައްތާލުމުގެ އިތުރުން، ބައެއް ސަރަހައްދުތަކަށް ކެމިކަލް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ފާއިތުވި އަހަރުތަކުގައިވެސް އެޗްޑީސީން ވަނީ ހެލްތު މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ފަދަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން، ހުޅުމާލޭގައި މަދިރި އާލާވުން މަދުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް “މަދިރިން ރައްކާ” ކެމްޕެއިންގެ ދަށުން ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި މަދިރި އާލާވުން މަދުކުރުމަށް ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އާންމުންނަށް ގޮވާލާފައެވެ.

