ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަމުން އަންނަ ހާއްސަ ހަރަކާތް، އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) ގެ ނަމުގައި ބާއްވާ މި ހަރަކާތަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.

ވީއައިއޭގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ—-ފޮޓޯ:އެމްއޭސީއެލް
ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމުގައިވާ މި އެކްސަސައިޒް މި އަހަރު ބޭއްވުމަށް ވަނީ 8 ސެޕްޓެމްބަރު 2025 ގައި ކަމަށް ހަމަޖެހިފައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާސްތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.

ވީއައިއޭގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ—-ފޮޓޯ:އެމްއޭސީއެލް
އެންމެ ފަހުން މި ހަރަކާތް ބޭއްވުނީ 2022 ވަނަ އަހަރުއެވެ. އޭރު މި ހަރަކާތުގައި އެއާޕޯޓުގެ އެކި ދާއިރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭ ގޮތުން 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ.
މި ފަދަ ހަރަކާތްތައް ބޭއްވުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ކުއްލި ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ތައްޔާރަށް ތިބުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

