ބ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މާޅޮހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އަދި މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި މިސްކިތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ދަށުން ބިނާކުރެވޭ މިސްކިތެކެވެ.
މިސްކިތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، މި މިސްކިތް ނިމުމުން ސޯލަރ ޕެނަލް ހަރުކުރެވި، މުޅި މިސްކިތް އޭސީ ކުރެވޭނެއެވެ. އަދި މީގެ އިތުރުން ޤުރުއާން ކިޔަވައިދިނުމަށް ޚާއްޞަ ކުލާސްރޫމަކާއި އެހެނިހެން މުހިންމު ވަސީލަތްތައްވެސް މި މިސްކިތުގައި ޤާއިމްކުރެވޭނެއެވެ.
“މިފަހުން ބިނާކުރެވޭ މިސްކިތްތަކަކީ މުހިންމު ވަސީލަތްތައް ޤާއިމްކުރެވިގެންދާ މިސްކިތްތަކެއް. އުންމީދަކީ މި މަސައްކަތް އަވަހަށް ނިންމާ އެތަން ބޭނުން ކުރެވެން ފެށުން،” ވަޒީރު ޝަހީމް ވިދާޅުވިއެވެ.
700 މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގައި މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. ރަށްރަށުގައި ޒަމާނީ މިސްކިތްތައް ބިނާކޮށް، އެތަންތަނުގައި ކީރިތި ޤުރުއާން ކިޔަވައިދީ، ދީނީ މަޢުލޫމާތު ފެތުރުމުގެ މަގު ފަހިކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތެވެ.

