މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަކަށް ޒިޔާރަތްކުރައްވައި، ރަށްރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު އެތައް މަޝްރޫޢުތަކެއް ފައްޓަވައިދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، 13 ރަށަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައިފައިވެއެވެ. އެ 13 ރަށަކީ؛
- ކަމަދޫ،
- ކުޑަރިކިލު،
- ކެންދޫ،
- އޭދަފުށި،
- ތުޅާދޫ،
- ގޮއިދޫ،
- ފެހެންދޫ،
- ފުޅަދޫ،
- ހިތާދޫ،
- ކިހާދޫ،
- ދޮންފަނު،
- ދަރަވަންދޫ،
- މާޅޮސް
މުހިންމު މަޝްރޫޢުތަކެއް ފެށުން
މި ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ތަޢާރަފުކުރެއްވުމާއި، މާޅޮސް، ފެހެންދޫ، ތުޅާދޫ އަދި ގޮއިދޫގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތް ފެއްޓެވުން ހިމެނެއެވެ. އަދި މާމަޑުއްވަރީ ހިތާދޫއާ ހަވާލުކުރެއްވުމަށާއި އިންނަފުށި ފުޅަދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާކަންވެސް ރައީސް އިޢުލާންކުރައްވާފައިވެއެވެ.
ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތާއި ދަރަވަންދޫ އެއަރޕޯޓު އަޕްގްރޭޑްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަންވެސް ރައީސް ހާމަކުރައްވާފައިވެއެވެ. މީގެއިތުރުން 2025 އަދި 2026 ވަނަ އަހަރު ރަށްރަށުގައި ހިންގެވުމަށް ތާވަލުކުރައްވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ.
ލާމަރުކަޒީ ނިޒާމުގެ މުހިންމުކަން
ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމު ޤާއިމުކުރެއްވުމުގެ މުހިންމުކަމާއި، ރައްޔިތުން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތަރައްޤީގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައިވެއެވެ.

