ގިނަ ދުވަސްތަކެއް ވަންދެން ތިނަދޫ ސިޓީ ކައުންސިލާއެކު އެއް މޭޒެއްގައި ބައްދަލުކޮށް މަޝްވަރާ ނުކުރެވި އޮތުމަށްފަހު މިއަދު ތިނަދޫ ސިޓީ ކައުންސިލާއި މެންބަރު ސަޢުދުﷲ އެކުވެރި މާހައުލެއްގައި މަޝްވަރާ ކޮށްފިއެވެ.
3 ގަޑި އިރަށް ވުރެ ދިގު ވެގެން ދިޔަ މި ބައްދަލުވުމަށް ފަހު ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވީ އެ ބައްދަލުވުމަކީ ސިޓީގެ އެކިއެކި ކަންކަމާއި ސަރުކާރުގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން މުހިއްމު މަޝްވަރާ ތަކެއް ކުރެވުނު އަދި ވަރަށް ބޮޑު އުފާވެރި ކަމެއް އިޙުސާސް ކުރެވުނު ބައްދަލުވުމެއް ކަމަށެވެ.
ތިނަދޫ ސިޓީ ކައުންސިލް މިވަގުތު ހިންގެވުމަށް ޙަވާލުވެ ހުންނެވި ޑެޕއުޓީ މޭޔަރ ނަސްރަސޫލުﷲ އަލީ އިތުރުން ކައުންސިލް މެނބަރުންނާއި އެސްޖީ ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ތިނަދޫ ރަސްމީ ފާލަން ނުނިމި ލަސްވާ މައްސަލަ އާއި ފްލެޓް ތަކަށް ދިމާވެފައިވާ މައްސަލަތަކާ ރަށުން އަމިއްލަ ކުރެވޭ ބިން ތަކުގެ އަގުގެ މައްސަލައިގެ އިތުރުން ގޯތިތަކުގެ އިންފާރު ރޭނުމަށް މަޖުބޫރު ކުރުވާފައިވާ ގޮތަށް ކުރިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ކަމަށް މެމްބަރު ސަޢުދުﷲ ވިދާޅުވިއެވެ.
ކައުންސިލުގެ ފަރާތުން ވެސް ސަރުކާރުގެ ތެރެއިން ބޭނުންވާ ގިނަ ކަންތައް ތަކަށް މަސައްކަތް ކުރެއްވުމަށް އެދުން ބައްދަލުވުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ މީގެ ކުރިން މިފަދަ މަޝްވަރާއަކާ އެކު ގުޅިގެން ކުރިޔަށް ނުދެވެނީ ކުރިން އިދާރާ ހިންގެވުމަށް ޙަވާލުވެ ހުންނެވި ވެރިޔާއަކީ މީހުންނާ ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅަކަށް ނުވާތީ ކަމަށާއި ނަމަވެސް މިހާރު މިއޮތީ ޙާލަތު ބަދަލުވެ އެލްޖީއޭ އަދި ސަރުކާރުގެ މުއައްސަސާ ތަކުން ވެސް މަސައްކަތް ކުރަން ފަސޭހަ ގޮތަކަށް ކައުންސިލްގެ ހާލަތު ބަދަލުވެފައި ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އެގޮތުން ތިނަދޫ ސިޓީ ގެެ ޑެޕިއުޓީ މޭޔަރަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާ މެމްބަރު ވިދާޅުވީ މިހާރު ކައުންސިލް ހިންގަވާ ވެރިޔާ ނަސްރު އަކީ ވަރަށް ހިތްތިރި މަޑުމައިތިރި އަދި އެންމެން ގުޅިގެން ރަށުގެ ކަންކަން ކުރިޔަށް ގެންދަން މަސައްކަތް ކުރެވޭ މިޒާޖުގެ ބޭފުޅެއް ކަމަށާއި ކައުންސިލް ގެ ހުރިހާ މެމްބަރުނާއި ވެރިން ވެސް ތިއްބެވި އެ ރޫހުގައި ކަމަށެވެ.
"އަޅުގަނޑުމެން ދެ މެމްބަރުން ވެސް މިތިބީ ސިޓީ ކައުންސިލާ އެކު ސަރުކާރުގެ އެތެރެއިންނާއި ބޭރުން ވެސް ކުރެވެން ހުރި ހުރިހާ ކަމެއްގައި ގުޅިގެން ކުރިޔަށްދާން އަދި މިއަދުގެ ކައުންސިލަކީ ގޮތް ދޫނުކުރުމުގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެފައިވާ ތަނެއްކަން ސަރުކާރުގެ އެކިއެކި ވުޒާރާތައް އަންގައި ދީ އަލުން އިތުބާރު ހޯދުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަންދެން " މެންބަރު ސަޢުދުﷲ ވިދާޅުވިއެވެ.
މި ބައްދަލުވުމާ ގުޅިގެން މައުލޫމާތު ހޯދުމަށް ތިނަދޫ ސިޓީ ކައެންސިލުގެ ޑެޕިއުޓީ މޭޔަރ އަށް ގުޅާލުމުން ދެއްވީ މީޑިއާ އޮފިޝަލްގެ ނަމްބަރެވެ. މ ީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ ވެރިޔެއްގެ ބަހެއް ހޯދުމަށް ފަހު ފަހުން ޚަބަރެއް ވާނެ ކަމަށެވެ.


