ބޭންކް އޮފް މޯލްޑިވްސްގެ ސްޓޫޑެންޓް ކާޑަށް އެދި ހުށަހަޅައިގެން ޖުމްލަ އެއް ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 14 އޮގަސްޓް އިން 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ.
ޕްރޮމޯޝަންގެ މުއްދަތުގައި ސްޓޫޑެންޓް ކާޑަށް އެދޭ ހުރިހާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ބީއެމްއެލް އިން ބުނީ، ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ބޭނުމުގައި ފަރުމާކޮށްފައިވާ މި ކާޑު، ހަތް އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. އަދި ދަރިވަރުންގެ ބެލެނިވެރިންނަށް މި ކާޑާ ގުޅިފައިވާ އެކައުންޓަށް ފައިސާ ފޮނުވައި، ފައިސާ ބޭނުންކުރާ ގޮތް ބެލޭނެ ކަމަށެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެއެވެ. ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެއެވެ.
ބީއެމްއެލް ސްޓޫޑެންޓް ޑެބިޓް ކާޑުން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކުން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން %10 އާ ހަމައަށް ޑިސްކައުންޓް ލިބެއެވެ. ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެއެވެ.
ބީއެމްއެލުން މި ކާޑު ތައާރަފްކުރީ މިދިޔަ މޭ މަހުގެ 10 ވަނަ ދުވަހު ކުޑަކުދިންގެ ދުވަހާ ގުޅުވައިގެންނެވެ. މި ކާޑު ދޫކުރަނީ އުމުރުން ހަތް އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.

