ފުލުހުންގެ ތަހުގީގަކަށް ހިފަހައްޓާފައި ހުރި ފައިސާތަކެއްގެ ތެރެއިން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ގެއްލުނު މައްސަލައެއް ބަލަން ފަށައިފިއެވެ.
މިރޭ މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައި ފުލުހުން ބުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއްގައި ސީޒް ކުރެވުނު ފައިސާއާ ބެހޭ ގޮތުން ފާހަގަކުރެވުނު ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެގޮތުން 30،000 ޑޮލަރުގެ ފަރަގެއް ފާހަގަވެފައިވާކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ހިފަހައްޓައިފައި ހުރި ފައިސާގެ ތެރެއިން ބައެއް ހަލާކުވެފައިވާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ފައިސާތައް ފޮރެންސިކް ޓެސްޓުތަކުގެ ޒަރީއާއިން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އެތައް ހާސް ޑޮލަރެއް “ގެއްލި” އެ މައްސަލަ ބަލަމުން އަންނައިރު މިއީ ސީދާ ކޮން މައްސަލައެއްކަން އަދި ފުލުހުން ނުބުނެއެވެ.

