ނަރުވެރި ކުޅިވަރުތަކާއި އުފެއްދުންތެރި ހަރަކާތްތަކުގައި ސުކޫލު ދަރިވަރުންގެ ހުނަރު އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ފަހުން ބޭއްވުނު “އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446” ގައި ޚާއްޞަ ސަމާލުކަމެއް ލިބިގެންދިޔަ އެއް ތަރިއަކީ 11 އަހަރުގެ އަހުމަދު ޒީވް ބިން މުޙައްމަދެވެ.
ޒީވްގެ ހުނަރު؛ ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން އިންތިޒާމު ކޮށްގެން ބޭއްވި މި މުބާރާތުގައި، “ޢާއިލާ” މި ނަމުގައި ހުށަހެޅުނު ޑްރާމާގައި ޒީވް ތަމްސީލުކޮށްދިން ކެރެކްޓަރ ވަނީ ގިނަ ބައެއްގެ ހިތްތަކުން ނުފިލާފަދަ ފަދަ އަސަރެއް ދޫކޮށްފައެވެ. މައިންބަފައިންގެ ލޯބިން މަހުރޫމްވެފައިވާ ކުއްޖެއްގެ ގޮތުގައި އޭނާ ކުޅުނު ރޯލް އެހާ ފުރިހަމައަށް ގެނެސްދިނުމުގެ ސަބަބުން، ޖަޖުންގެ ޚާއްޞަ އެވޯޑު ހާސިލުކުރުމުގެ ޝަރަފު ވަނީ އޭނާއަށް ލިބިފައެވެ.
ޑްރާމާގެ މުހިންމު މެސެޖް؛ “ކޮންމެ ކުއްޖަކަށް ޢާއިލާއެއް” މި ޝިޢާރުގެ ދަށުން ތައްޔާރުކުރެވުނު މި ޑްރާމާއިން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ލޯބިވާ އާއިލީ މާހައުލެއްގެ މުހިންމުކަން ވަނީ ވަރަށް ރީތިކޮށް ދައްކުވައިދީފައެވެ. ޒީވްގެ އެކްޓިންގ މެދުވެރިކޮށް، މިފަދަ ކުދިން ދިމާވާ ގޮންޖެހުންތަކާއި، އާއިލާއެއްގެ ލޯބި ލިބުމުން އެކުދިންގެ ދިރިއުޅުމަށް އަންނަ އުފާވެރި ބަދަލުތައް ވަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުށަހަޅާފައެވެ.
ޕްރޮފެޝަނަލް އެކްޓިންގ ކެރިއަރއެއް އިޚްތިޔާރު ކުރުމުގެ ވިސްނުމެއް ނެތްކަމުގައި ވިޔަސް، މުޖުތަމަޢުއަށް ފައިދާހުރި މެސެޖުތަކެއް ފޯރުކޮށްދޭ ކުރު ޑްރާމާތަކުގައި ބައިވެރިވުމަށް ޒީވް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. އޭނާގެ މި ހުނަރު އިތުރަށް ތަރައްޤީކޮށް، އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ވިސްނުން ހުރިކަން ފާހަގަކުރެވެއެވެ.
ޒީވްގެ މި ކާމިޔާބީއަކީ އޭނާގެ އަމިއްލަ ކާމިޔާބީއެއްގެ އިތުރުން، ދިވެހި ކުޑަކުދިންގެ ހުނަރުވެރިކަމާއި ޤާބިލުކަން ދައްކުވައިދޭ ރަން ސަފުހާއެކެވެ. އަދި ހަމައެހެންމެ، މުޖުތަމަޢުގެ މުހިންމު މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމުގައި ކުޑަކުދިންނަށްވެސް މުހިންމު ދައުރެއް އަދާކުރެވިދާނެކަން ސާބިތުކޮށްދޭ ހެއްކެކެވެ.

