ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު 14 ދާއިރާއަކުން ހުޅުވާލި އަހަރު 92 ހުށަހެޅުން ލިބިފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ހާމަކޮށްފިއއެވެ.
މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ހިތްވަރުދިނުމާއި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމަށާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުމުގެ މަގުސަދުގައި ދެމުން އަންނަ ނޫސްވެރިކަމުގެ އެވޯޑަށް، ދާއިރާތަކުގެ ފުރުސަތު ނުހަނު ތަނަވަސްކޮށް ހުޅުވާލީ ޖުމުލަ 14 ދާއިރާއަކުން ކުރިމަތިލުމަށެވެ
ނޫސްވެރިކަމުގެ އެވޯޑު ދޭން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
- ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
- އިޖުތިމާއީ ދާއިރާ
- ސިޔާސީ ދާއިރާ
- ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ
- ވިޔަފާރި އާއި އިގުތިސާދީ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ
- ޑޮކިއުމަންޓްރީގެ ދާއިރާ
- ފީޗާ ރިޕޯޓުގެ ދާއިރާ
- ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
- ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
- އުންމީދީ ނޫސްވެރިޔާގެ އިނާމު
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
- ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމު ދޭން ފެށީ 2014ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ކައުންސިލުން އަންނަނީ ގަވާއިދުން ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ. ނޫސްވެރިކަމުގެ އެކި ދާއިރާތަކުން ހޮވޭ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް އިނާމު ދެނީ ވޭތުވެދިޔަ އަހަރުގެ މަސައްކަތްތަކަށެވެ. އެގޮތުގެ މަތިން މިއަހަރުވެސް އިނާމު ދޭނީ މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށެވެ.

