މާލޭގެ ޕްރައިވެޓް ސްކޫލެއް ކަމަށްވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުން އުފެއްދި ރޮބޮޓެއް ފެނި ގިނަ ބަޔަކު ހައިރާން ކޮށްލައިފިއެވެ. މި ރޮބޮޓަކީ އިންސާނެއްގެ ސިފައިގައި ފަރުމާކޮށްފައިވާ ރޮބޮޓެއް ކަމަށްވާއިރު، މީގައި ދެ ލޮލާއި ދެ އަތް ހަރުކޮށްފައިވެއެވެ. އަދި ހަރަކާތްތެރިވުމަށް ދެ ފުރޮޅު ވެސް ހަރުކޮށްފައިވެއެވެ.
މި ރޮބޮޓް ފުރަތަމަ ދައްކާލީ އިއްޔެ ބޭއްވި ހަފްލާއެއްގައެވެ. އެ ހަފްލާގައި ރޮބޮޓް ސްކޫލް ހޯލް ތެރޭގައި ހަރަކާތްތެރިވި މަންޒަރު ފެނި، އެތަނުގައި ތިބި އެންމެން ހައިރާންވެފައިވާކަމަށް ސޯޝަލް މީޑިއާގައި ޙިއްސާކުރެވުނު ޕޯސްޓެއްގައި ބަޔާންކޮށްފައިވެއެވެ.
“އިއްޔެ ދެވުނު ހަފްލާއެއްގައި އެ ރޮބޮޓު ހުރިހާ އެންމެންގެ ކުރިމައްޗަށް އައި ވަގުތު އެންމެންވެސް ތިބީ ހައިރާންވެފައި. މާޝާﷲ. މޮޅު ކުދިންކޮޅެއް،” މިހެން ބުނެ ފޭސްބުކްގައި ވިދާ ކިޔާ ބޭފުޅަކު ވަނީ ރޮބޮޓްގެ ވީޑިއޯއެއް ޙިއްސާކޮށްފައެވެ.
މި ރޮބޮޓް އުފެއްދި ދަރިވަރުންނަށާއި، އެ ކުދިންނަށް އެކަން އުނގަންނައިދިން ފަރާތްތަކަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. އަދި މިފަދަ އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް ދަރިވަރުންނަށް ފުރުސަތު ދިނުމުގެ މުހިންމުކަން ފާހަގަކޮށް، މީގެ މަންފާ މުޅި ގައުމަށް ކުރާނެކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ މިއީ ދިވެހިގައުމުގެ އަދި ދަރިވަރުންގެ އުޖާލާ ކުރިމަގު ދައްކުވައިދޭ ކަމެއްވެސްމެއެވެ.
މި ރޮބޮޓާ ގުޅޭ ޕޯސްޓް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު ވަނީ އެ ކުދިންގެ ހުނަރާއި ވިސްނުން އިތުރަށް ފުޅާވެ، އިތުރު އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ ތައުފީޤު ދެއްވުން އެދި ދުޢާކޮށްފައެވެ.

