ޣައްޒާއަށް ހިސޯރުކޮށްފައި އޮތް އޮތުން ނައްތާލުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޣައްޒާގެ “ހިސޯރު ނައްތާލުމަށް” ގޮވާލާ މާފަންނު ސްޓޭޑިއަމްގައި މިއަދު އޮތް އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ ގޮވާލަމުން މިދަނީ ބޯޑަރުތައް ހުޅުވާލުމަށް ކަމަށާއި، އިސްރާއީލުން ޣައްޒާގެ އަހުލުވެރިންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އުދުވާންތައް ކުށްވެރިކުރާ ކަމަށެވެ.
“އަޅުގަނޑުމެން ކުށްވެރިކުރަން ބައިނަލްއަގްވާމީ ބޮޑެތި ބާރުތަކުން އިސްރާއީލަށް ދެމުންގެންދާ އެހީތެރިކަން. އަޅުގަނޑުމެން ގޮވާލަނީ އިންސާނީ އެހީ އާއި ބޭސްފަރުވާ ވެއްދުމަށް. ހިސޯރު ނައްތާލުމަށް،”. ޑރ. ޝަހީމް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަތިވެރި ޖިހާދުގައި ބައިވެރިވާންޖެހޭނެ ކަމަށާއި އެއީ ދުލާއި މުދަލުން ބައިވެރިވުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

