ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި ތެދުވެ، “ހިސޯރު ނައްތާލުމަށް” ގޮވާލާ ރާއްޖެއިން މިސާލު ދައްކައިފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން، ޣައްޒާ ހިޞޯރު ނައްތާލުމަށް ގޮވާލާ ބޭއްވި މި އެއްވުން ރާއްޖޭގެ 50 އަށް ވުރެ ގިނަ ރަށުގައި އެއް ފަހަރާ ވަނީ ބާއްވާފައެވެ.
މާލެ ސަރަހައްދުގެ އެއްވުން އޮތީ 04:30ގައި މާފަންނު ސްޓޭޑިއަމްގައެވެ. ދިވެހީން މިއަދު ވަނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު އެއްވުމެއް ކުރިއަށް ގެންގޮސް ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާފައެވެ.
މި އެއްވުމުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ގޮވާލެއްވީ ފަލަސްތީނުގެ ރައްޔިތުން މި އުންމަތަށްޓަކައި ކުރާ ވަރުގަދަ ޖިހާދުގައި އެމީހަކަށް ކުޅަދާނެވެގެންވީ ގޮތަކަށް ބައިވެރިވުމަށެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ އިސްވެ އޮވެ، ރާއްޖޭގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި، މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން އާއްމުން ބައިވެރިވާ ހާއްސަ ސްޓިރިއަރިން ކޮމިޓީއަކުން އިންތިޒާމު ކުރި މިއަދުގެ އެއްވުމުގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

