ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2018 ވަނަ އަހަރު ފެބްރުއަރީ މަހު ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހައްޔަރުކުރަން ޖެހުނު ސަބަބުކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ފަރާތްޕުޅުން ދައްކަވާފައިވާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ ދޮގު ވާހަކަތަކެއް ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
އެެމަނިކުފާނު މިފަދައިން ވިދާޅުވީ ނޫހަކުން ގެނެސްދިން ޕްރަގްރާމެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް ދޮގުކޮށް ރައީސް މައުމޫންގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެެފައިވަނީ ރައީސް މައުމޫން ހައްޔަރު ކުރަންޖެހުނު ސަބަބަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުންކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ، މައުމޫންގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށެވެ.
2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުއްވި ކޯޓު އަމުރަކީ، ރައީސް މައުމޫނާއި އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަަމަށާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް ރައީސް މައުމޫން ދުވަހަކުވެސް ކުރައްވާފަ ނުވާނެ ކަމަށް ބަޔާނުގައިވެ އެވެ.
އަދި ރައީސް މައުމޫނުގެ ފަރާތްޕުޅުން ދިވެހި ލޮބުވެރި އެންމެހާ ރައްޔިތުންނަށް އަރުވަން ބޭނުންފުޅުވާ ޔަޤީންކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް ޢަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައިނުވާނެ ކަމުގެ ޔަޤީންކަން ކަމަށް ބަޔާނުގައިވެއެވެ.

