ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ތުރުކީ ސަރުކާރުން ހަދިޔާކުރާ އަސްކަރީ މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް މިރޭ ހަވާލުކޮށްފިއެވެ.
ދަރުމަވަންތަ މަނަވަރު އެމްއެންޑީއެފާ ހަވާލުކުރުމާއި ކޮމިޝަންކުރުމުގެ ރަސްމިއްޔާތު އޮތީ މިރޭ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައެވެ.
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ދަރުމަވަންތަ އެމްއެންޑީއެފާ ހަވާލުކޮށް ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި މަނަވަރު ހަވާލުކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒްއެވެ. ރާއްޖޭގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ވެސް އެންމެ އިސްކަން ދެއްވާ އެއް ކަންތައްތަކެވެ. ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަށްޓަކައި އަސްކަރީ ޑްރޯން އާއި އެހެނިހެން އުޅަނދުތައް މިހާރު ވެސް ވަނީ ހޯދައިފައެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާއިރު، ތުރުކީގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖެ އިން ގަނެ މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.

