އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓުމަކީ، އެހެން ބަޔަކު އެކަމަކާ ކަންބޮޑުވާންޖެހޭނެ ކަމެއް ނޫން ކަމަށާއި، ކަންބޮޑުވާނަމަ އެއީ، އަދި މާ ކަންބޮޑުވާން އަޅުގަނޑުމެން ޖެހޭނެ ކަމެއް ކަމަށާއި، އަޅުގަނޑުމެންގެ ސަރަޙައްދު، އަޅުގަނޑުމެންގެ އިންފާރުގެ އެތެރެ ބަލަހައްޓާނީ އަޅުގަނޑުމެން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، “ދަރުމަވަންތަ” ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، “ދަރުމަވަންތަ” ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުމަށްޓަކައި ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
ރައީސް ވިދާޅުވީ މިއީ، އަޅުގަނޑުމެންގެ ޙައްޤެއް ކަމަށާއި، ދިވެހި ރައްޔިތުން އެދެމުންދާ، އުންމީދު ކުރަމުން އައި ދުވަހެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިކަމުގައި އެންމެބޮޑު އެއްބާރުލެއްވުމެއް އެމަނިކުފާނަށް ދެއްވީ، އިސްލާމީ އުންމަތް އެ ބޭފުޅަކަށް ފަޚުރުވެރިވާ، މިވަގުތު އިސްލާމީ އުންމަތުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި، އަޅުގަނޑުމެން އެންމެންނަށް ފެންނަ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ކަމަށެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނަށް ރައީސްގެ އަމިއްލަ ނަމުގައި އަދި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ ނަމުގައި، ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

