ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާ ކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، މި މަނަވަރަކީ ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގެ އަޒުމް ދައްކުވައިދޭ ކަމެއްކަމަށް ތުރުކީގެ ނޭވީ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކަދިރް ޔިލްޑްޒް ވިދާޅުވެއްޖެއެވެ.
މިރޭ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑްމިރަލް ކަދިރް ވިދާޅުވީ، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ތުރުކީވިލާތާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަމާއި، ދިފާއީ ރޮނގުން އެއްބައިވަންތަކަން އިތުރަށް ބަދަހިކުރުމުގެ އަޒުމް ދައްކުވައިދޭ ކަމެއް ކަމަށެވެ.
މި މަނަވަރާއެކު ރާއްޖޭގެ ދިފާއީ ގާބިލްކަން އިތުރުވެގެންދާނެ ކަމަށް ފާހަގަކުރައްވަމުން، އެޑްމިރަލް ކަދިރް ވިދާޅުވީ މަނަވަރު ބޭނުންކުރުމުގެ ތަމްރީނު ޕްރޮގްރާމުތަކެއް މޫދާއި ބަނދަރުގައި ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
“ކަނޑުގެ އަސްކަރިއްޔާތަކަކީ ހަމައެކަނި ބަނދަރުތަކަށާއި ކަނޑުތަކަށް ޖަމާވާ ބައެއް ނޫން. އެއީ ގައުމުތަކުގެ މެދުގައި އެކުވެރިކަމާއި އެހީތެރިކަން އިތުރުކޮށްދޭ ފާލަމެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ބައެއް،” އެޑްމިރަލް ކަދިރް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އެޑްމިރަލް ކަދިރް ވިދާޅުވީ، މި އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ސިފައިންގެ ޚިދުމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އުޅަނދެއް ކަމަށާއި، މި މަނަވަރާ އެކު ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

