މާލޭސިޓީގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލޭ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މަސައްކަތުގެ ދަށުން ނަގަމުން އަންނަނީ އާންމުންނަށް ދަތިވާ ގޮތަށް ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތަކެވެ. މިއީ މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށް ވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ގަވައިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މާލޭގެ ބޭރު މަގާއި މަޖީދީ މަގުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މަސައްކަތުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް ވަނީ ޓޯކޮށްފައެވެ. މީގެ ތެރޭގައި ހަތަރުފުރޮޅުލީ އުޅަނދުތަކާއި ދެފުރޮޅުލީ އުޅަނދުތައް ހިމެނެއެވެ.
މާލޭގެ މަގުތަކުގައި ޕާކިންގގެ ދަތިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަކީ މަގުތަކުގެ ޖާގައިގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

