ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ރަށްރަށުގައި އޭޓީއެމް ޚިދުމަތް ފެށުމާ ގުޅިގެން، ބޭންކުގެ ބްރާންޗުތަކުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ދަށްވަމުންދާ ކަމަށް އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށި މި މަޝްރޫޢުގެ ދަށުން މިހާތަނަށް 47 ރަށެއްގައި އަލަށް އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް މާލީ ބާރުވެރިކަން ހޯދައިދިނުމެވެ.
“މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިހާ ބޭނުންވެފައިވާ ޚިދުމަތަކަށް އޭޓީއެމް ޚިދުމަތްވެފައިވާއިރު، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މި ޚިދުމަތް ބޭނުންތެރި ނުވާންވީ ސަބަބެއް ނެތް،” ޝަރީފް ވިދާޅުވިއެވެ.
އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ އަމާޒަކީ އަހަރެއްގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމެވެ. މިހާތަނަށް 7 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މިހާރު 99 އިންސައްތަ މުޢާމަލާތް ހިނގަނީ ޑިޖިޓަލްކޮށެވެ. އަދި އޭޓީއެމް މަޝްރޫޢުގެ ސަބަބުން ބޭންކަށްވެސް ފައިދާ ލިބޭ ކަމަށާއި، ބްރާންޗު ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުން މަދުވުމުން، ބޭންކުގެ އެހެނިހެން ޚިދުމަތުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް އިތުރު ފުރުސަތު ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވި ގޮތުގައި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި މަޝްރޫޢު ނިންމާލެވޭނެއެވެ. އަދި މިހާރު މި ޚިދުމަތް ފެށިފައި ނުވާ 33 ރަށުގައިވެސް ދާދި އަވަހަށް މި ޚިދުމަތް ފެށޭނެއެވެ.

