މިއަހަރުގެ މިހާތަނަށް ވައިގެ މަގުން ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު 230.6 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރު ފަސް އެއަރލައިނަކުން 1،686 ޓަނުގެ ކާގޯ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ތިން އެއަރލައިނަކުން އެތެރެކުރި 510 ޓަނާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ.
މި އިތުރުވުން އައިސްފައިވަނީ ކާގޯ އުފުލާ ވައިޑް ބޮޑީ މަތިންދާ ބޯޓުތަކުން ރާއްޖެއަށް ކުރަމުންދާ ދަތުރުތަކާ ގުޅިގެންނެވެ. އެގޮތުން ޤަތަރު އެއަރވޭސްގެ B777F ކާގޯ ބޯޓުން މިއަހަރުގެ ފެބްރުއަރީ މަހު 7 ޓަނާއި އޮގަސްޓް މަހު 55 ޓަނުގެ ކާގޯ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ އެފްކޮމް ކާގޯއިންނެވެ. އެގޮތުން 106 ފްލައިޓުން 1،459 ޓަނުގެ މުދާ ވަނީ އެތެރެކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ފްލައި ވާޔުއިން ކަމަށްވާއިރު، 9 ފްލައިޓުން 126 ޓަނުގެ މުދާ ވަނީ އެތެރެކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށްވާއިރު، މި ތަޞައްވުރު ހާސިލުކުރުމަށް އެމްއޭސީއެލުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ޝެޑިއުލްކޮށްގެން މުދާ އުފުލާ އެއަރލައިންތަކާއެކު މަސައްކަތްކޮށް، ދަތުރުތަކުގެ އަދަދު އިތުރުކުރުމާއި އިތުރު ރޫޓުތައް ތަޢާރަފުކުރުން ހިމެނެއެވެ.

