ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތަކުގެ އެއްބަސްވުމުގައި އިއްޔެގެ ނިޔަލަށް 1،202 މީހުން ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ. އަދި މިހާތަނަށް 1،530 މީހުންނާއެކު ސޮއިކުރުމަށް ތާވަލުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެފްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފުލެޓް އެއްބަސްވުން ހެދުމަށް ހައުސިން މިނިސްޓްރީން އެ ކޯޕަރޭޝަނަށް ޖުމްލަ 2،665 މީހުންގެ ނަން ފޮނުވާފައިވެއެވެ. އަދި ބާކީ ތިބި ފަރާތްތަކާއެކު އެއްބަސްވުން ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެފްޑީސީން ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރަނީ އެންބީސީސީން ކަމަށްވާއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖޭއެމްސީންނެވެ. މި ޓަވަރުތަކުގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2،800 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓެވެ.
އެފްޑީސީން ބުނެފައިވާ ގޮތުގައި، ފްލެޓްގައި ސޮއިކުރުމަށް އައުމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް “ފަހި ޕޯޓަލް” އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަނުން އަންގާނެއެވެ. އަދި އޭގެފަހުން ސޮއިކުރަން ދާންވާ ދުވަހާއި ގަޑި އަންގާނެ ކަމަށްވެސް ބުނެފައިވެއެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ނިންމުމަށެވެ.

