ފަލަސްޠީނާއި ޢަރަބި ޤައުމުތަކުގެ ބިންތަކަށް އަތްގަދަ ކުރުމަށް ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ "ވިޜަން އޮފް ގްރެއިޓަރ އިސްރާއީލް" ގެ ނަމުގައި އިޢުލާނުކޮށްފައިވާ ތަސައްވުރު، ޢަރަބި އަދި އިސްލާމީ ދުނިޔެއިން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ފަލަސްޠީނުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް ގޮވައިލައި ނެރެފައިވާ ބަޔާނުގައި ޢަރަބި އަދި އިސްލާމީ 31 ޤައުމެއްގެ ޚާރިޖީ ވަޒީރުން ވަނީ ސޮއިކުރައްވާފައެވެ. މި ބަޔާނުގައި ޢަރަބި ލީގާއި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިތުރުން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ފަދަ މުހިންމު އިސްލާމީ ޖަމްޢިއްޔާތައް ބައިވެރިވެފައިވެއެވެ.
ނަތަންޔާހޫގެ ހުށަހެޅުން ކުށްވެރިކޮށް ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހުށަހެޅުމަކީ ޢަރަބި ޤައުމުތަކުގެ ޤައުމީ ސަލާމަތަށާއި، ސިޔާދަތީ މިނިވަންކަމަށް ނުރައްކާވާނެ ކަމެކެވެ. އަދި މިއީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސުލްޙައާއި ހަމަޖެހުމަށް ބުރޫއަރާނެ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ހުށަހެޅުމެއް ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރިކުރުވުމަށް ‘އީ1’ ގެ ނަމުގައި ޔަހޫދީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ފަލަސްޠީނު ރައްޔިތުންގެ މިނިވަން ދައުލަތެއްގައި ދިރިއުޅުމުގެ ޙައްޤު ނިގުޅައިގަންނަ މަޝްރޫޢެއްގެ ގޮތުގައި ޢަރަބި އަދި އިސްލާމީ ދުނިޔެއިން ވަނީ ފާހަގަކޮށްފައެވެ.
ޣައްޒާގެ 2.2 މިލިއަން ރައްޔިތުންނަށް ކުރަމުންދާ އަނިޔާވެރި ޢުދުވާން ހުއްޓާލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ޢަރަބި އަދި އިސްލާމީ ދުނިޔެއިން ވަނީ ގޮވާލާފައެވެ. އަދި ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމާއި ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކަށާއި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއަށް ވެސް ވަނީ ގޮވާލާފައެވެ.

