މާލޭގެ ބުރު ޕާކު ސަރަހައްދުގައި ހުރި ކުރީގެ އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރުގެ އިމާރާތުގެ ފާރެއް ވެއްޓި، ޖެހިގެން ހުރި އިމާރާތާއި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުން ލިބިއްޖެއެވެ.
މި ހާދިސާއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، ފާރު ވެއްޓިފައިވަނީ އެ ސަރަހައްދުގެ ޕާކިން ޒޯނުގެ ތެރެއަށެވެ. “ފޮޓޯތައް އަޅުގަނޑަށް ލިބެނީ، ފާރު ވެއްޓިފަ ހުރީ އެތާނގެ ޕާކިން ޒޯން ތެރެއަށް. ވެހިކަލްތަކަށް ގެއްލުން ލިބުނު ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނީ،” މޭޔަރު ވިދާޅުވިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 16 އޮގަސްޓު 2025 ވަނަ ދުވަހުގެ މެންދުރު 13:00 އެހާކަށްހާއިރުއެވެ. އަދި މި ހާދިސާގައި ދެ ސައިކަލާއި ދެ ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ވެއްޓުނު ފާރުގެ ސަބަބުން އެވަގުތު ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އެހެންނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަން އަދި ހާމަވެފައެއް ނުވެއެވެ.
މާލޭގައި ހުރި ބާވެފައިވާ އިމާރާތްތައް ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި، އިމާރާތްތަކުގެ ވެރިންނަށް އަންގަންޖެހޭ އެންގުންތައް އަންގަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މި ހާދިސާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

