އއ. އުކުޅަހު މަގުހެދުމުގެ މަސައްކަތުގެ ދެފަރާތު މަގުހެދުމުގެ މަސައްކަތުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މިކަން ހާމަކުރަމުން ބުނެފައިވަނީ މިވަގުތު ދެފަރާތު ޕޭވްމެންޓްގެ މަސައްކަތާއި އެޗްވީ ކޭބަލް ޕައިޕް އެޅުމުގެ މަސައްކަތާއި ޕަމްޕް ސްޓޭޝަން ކާސްޓިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ކަމަށާއި މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރު ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން 2،678 މީޓަރުގެ 10 މަގު ތަރައްގީކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި މީގެ ތެރޭގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމުގެ އިތުރުން 4،193 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 14،452 އަކަމީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރެވޭނެއެވެ. އަދި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ކަފިހި ހުރަސް ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޝްރޫޢަށް ޖުމްލަ 56.11 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. މި މަޝްރޫޢު ނިމުމުން އުކުޅަހުގެ މަގުތަކުގެ ހާލަތު ރަނގަޅުވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ކަމަށް ބެލެވެއެވެ.

