ލ. ކައްދޫގައި ރޭ ހިނގި އެކްސިޑެޓާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބުނާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 19:18 ހާއިރު، ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓަށް ދިއުމަށް މަގު ހުރަސްކުރަމުންދިޔަ ދެ މީހެއްގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.
މި ހާދިސާގައި ޒެބްރާ ކްރޮސިންގއިން މަގު ހުރަސްކުރި ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، 64 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ފުލުހުން “ވަގުތު” އަށް މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ ފަރާތުން އިތުރަށް ބުނީ މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

