ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު “ދަރުމަވަންތަ” ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި، ނަފްސަށް ވުރެ އަބަދުވެސް ޤައުމު އިސްކުރެއްވުމަށް ދިވެހި ސިފައިންނަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އިލްތިމާސް ކުރައްވައިފި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޣައްސާން ފާހަގަކުރެއްވި ގޮތުގައި ދިވެހި ސިފައިންނަކީ އަބަދުވެސް ދިވެހި ޤައުމުގެ މިނިވަންކަން ދިފާއު ކުރުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތްކުރި ބައެކެވެ. އަދި މަދު ވަސީލަތްތަކާއެކު ވަރަށް ހިތްވަރާއެކު މަސައްކަތް ކުރެއްވި ވަރުގަދަ ޚިދުމަތްތެރީންތަކެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ނަފްސަށް ވުރެ އަބަދުވެސް ޤައުމު އިސްކުރެއްވުމަށް ސިފައިންނަށް އިލްތިމާސް ކުރަން. ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަބަދުވެސް ދިވެހި ސިފައިން ހިމާޔަތް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަކުރާރު ކުރަން،” ވަޒީރު ޣައްސާން ވިދާޅުވިއެވެ.
ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު “ދަރުމަވަންތަ” އަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެ ބޮޑު އުޅަނދެވެ. މި އުޅަނދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަން ސިފައިންނަށް ލިބިދޭނެ މުހިންމު ވަސީލަތެކެވެ.

