މިއަހަރުގެ ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި، 17 އަހަރުގެ ޒުވާން އެތްލީޓް އަހްނަފް ރައްޔާން ފަހުމީ، 100 މީޓަރު ދުވުމުން 11.25 ސިކުންތުގެ ތެރޭގައި ދުވެ، ގައުމީ ދެވަނަ ހޯދައިފިއެވެ.
100މީޓަރުގެ މި ދުވުމުގެ ރޭސް ނިންމާލެވުނުއިރު، އެއްވަނަ ހޯދާފައިވަނީ ދިވެހި ސިފައިންގެ ކްލަބުން ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. އޭނާ ރޭސް ނިންމާފައިވަނީ 10.92 ސިކުންތުންނެވެ. ދެވަނަ ހޯދި ރައުހަތް ސްޕޯޓްސް ކްލަބުގެ އަހްނަފް ރައްޔާން ފަހުމީ ރޭސް ނިންމާފައިވަނީ 11.25 ސިކުންތުންނެވެ. އަދި ތިންވަނަ ލިބުނު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި އަތޫފް މުހައްމަދު އާތިފް ރޭސް ނިންމާފައިވަނީ 11.46 ސިކުންތުންނެވެ.
މި މުބާރާތުގައި ރައްޔާން ވާދަކޮށްފައިވަނީ ގދ. ތިނަދޫ ސިޓީއަށް ނިސްބަތްވާ ރައުހަތް ސްޕޯޓްސް ކްލަބުގެ ފަރާތުންނެވެ. މި ދުވުމުގައި ރައުހަތް ސްޕޯޓްސް ކްލަބުގެ ފަރާތުން ވާދަކުރުމަށް ހަމަޖެހިފައި އޮތް، ރާއްޖޭގެ އެންމެ މޮޅު ދުވުންތެރިންގެ ތެރޭގައި ހިމެނޭ އިބާދުﷲ އާދަމްއަށް ވަނީ މިވަގުތު ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން މި މުބާރާތުގައި ބައިވެރިވެވޭގޮތް ނުވެފައެވެ. މީގެ އިތުރުން މި ދުވުމުގައި ބައިވެރިވާން ހުރި އަނެއް މުހިންމު އެތްލީޓަކަށް ސިއްހީ ސަބަބުތަކަކާ ހެދި ވާދަ ކުރެވޭ ގޮތް ނުވުމުން، ރައުހަތް ސްޕޯޓްސް ކްލަބުގެ ފަރާތުން މި މުބާރާތުގައި ވާދަކުރީ ރައްޔާން އެކަންޏެވެ.

ރައުހަތް ސްޕޯޓްސް ކްލަބަކީ ގައުމީ އެކި މުބާރާތްތަކުން، ހާއްސަކޮށް އެތްލެޓިކްސް މުބާރާތްތަކުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކްލަބެކެވެ. އެގޮތުން، ރައުހަތް ސްޕޯޓްސް ކްލަބަކީ އެތްލެޓިކްސް ދާއިރާގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ގިނަ އަދަދަކަށް އުފައްދާފައިވާ ކްލަބެކެވެ. މި ކްލަބުން ނުކުންނަ ގިނަ ކުޅުންތެރިން ވަނީ ގައުމީ ޓީމުގައިވެސް ވާދަކޮށް، ރާއްޖެއަށް ރީތި ނަން ހޯދާދީފައެވެ.
މި މުބާރާތުގައި ބެސްޓް ފިރިހެން އެތްލީޓުގެ އެވޯޑް ހޯދި ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ޝަމްއޫންއަކީވެސް ގދ. ތިނަދޫ ސިޓީއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. މިއީ ތިނަދޫ ސިޓީއަކީ އެތްލެޓިކްސް ދާއިރާއިން ކުޅަދާނަ ކުޅުންތެރިން އުފެއްދާ، ހުނަރުވެރި ބަޔަކު ދިރިއުޅޭ ރަށެއްކަން ދައްކުވައިދޭ ކަމެކެވެ. ރައްޔާންގެ މި ކާމިޔާބީއަކީ އޭނާއަށާއި، ރައުހަތް ސްޕޯޓްސް ކްލަބަށާއި، އަދި ތިނަދޫ ސިޓީއަށް ލިބުނު ފަހުރެކެވެ.
މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ 20 ކުލަބަކުން 204 އެތުލީޓުން ވާދަކޮއްފައިވާއިރު، މިއަހަރު މުބާރާތުގައި ވަނީ މުޅިން އަލަށް ޕެރަ އެތުލީޓުންނަށް ހާއްސަ އިވެންޓުތަކެއްވެސް ބާއްވާފައެވެ. އެގޮތުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ވަނީ މިއަހަރު ވާދަކޮއްފައެވެ.

