މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސްނެގުމުގެ ދަށުން ބޭއްވުނު “މޯލްޑިވްސް މެޑިކަލް ކޮންފަރެންސް 2025” ގައި ރާއްޖޭގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް ދެވޭ ފަރުވާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މުހިންމު މަޝްވަރާތަކެއް ކުރުމަށްފަހު ނިމުމަކަށް ގެނެސްފިއެވެ.
“ޖެރިއެޓްރިކް، ލެޓްސް ޓޯކް އޭޖްޑް ކެއަރ” މި ޝިޢާރުގެ ދަށުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގެ އެކިއެކި ފަރާތްތަކުން ބައިވެރިވިއެވެ.
މި ކޮންފަރެންސާ ގުޅޭގޮތުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އެގްޒެކެޓިވް ސެކްރެޓަރީ ޑރ. މަރިޔަމް އަޖުފާން ވިދާޅުވި ގޮތުގައި، ކޮންފަރެންސްގެ ތެރެއިން ޢުމުރުން ދުވަސްވީ މީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ މުހިންމު މަޝްވަރާތައް ކުރެވި، އެކަންކަމަށް ހައްލުތައް ހޯދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ކާމިޔާބު މަޝްވަރާތަކެއް ކުރެވުނެވެ.
“ބޭރު ޤައުމުތަކުގަ މިކަންކަން ކުރާ ގޮތްތަކާ ގުޅޭގޮތުން ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުން ހޭލުންތެރިކުރުވުމަށް ވާހަކަތަކެއް ދެކެވުނު. ސީދާ ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ފަރުވާ ދޭނެ ޑޮކްޓަރުން ރާއްޖޭގަ ނުތިބޭ. އެހެންވީމާ، މެޑިސިންގގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުން މިކަމަށް ޝައުޤުވެރިކުރުވާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާތަކެއް ކުރެވުނު،” ޑރ. މަރިޔަމް އަޖުފާން ވިދާޅުވިއެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ލަފާކުރާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީގެ 7 އިންސައްތައަކީ 75 އަހަރުން މަތީގެ މީހުން ކަމަށްވާއިރު، 2040 ވަނަ އަހަރާ ހަމައަށް އެ އަދަދު 10 އިންސައްތައަށް އިތުރުވާނެ ކަމަށް ބެލެވެއެވެ. މިފަދަ ބަދަލުތަކަށް ރާއްޖެއިން ދުރާލާ ތައްޔާރުވެ ތިބުމުގެ މުހިންމުކަން އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ. މިއީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސްނެގުމާއެކު ރާއްޖޭގައި ބޭއްވި މިފަދަ ދެވަނަ ކޮންފަރެންސެވެ.

