ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން 7 އަހަރުގެ މެދުކެނޑުމަކަށްފަހު، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް 24 ދަރިވަރަކަށް ސްކޮލަރޝިޕް ދީފިއެވެ. މި ސްކޮލަރޝިޕްތައް ހަވާލުކުރެވުނީ އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފްގެ އަތްޕުޅުންނެވެ.
މިއަހަރުގެ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކުރުމަށް 17 ދަރިވަރަކަށް ފުލް ސްކޮލަރޝިޕް ދެވިފައިވާއިރު، 7 ދަރިވަރަކަށް ޚާއްސަ ސްކޮލަރޝިޕް ދެވިފައިވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި ދެވަނަ ބުރުގެ ސްކޮލަރޝިޕްތައް ވެސް ވަރަށް އަވަހަށް ހަވާލުކުރެވޭނެއެވެ.
“މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަކަށް މަތީ ތައުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރު،” ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މި އަހަރުގެ ޒަކާތު ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ޖުމްލަ 50 ސްކޮލަރޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރެއިން 20 ފުރުޞަތަކީ ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތުތަކެވެ. އަދި 30 ފުރުޞަތަކީ މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުގައި ކިޔެވުމަށް ދެވޭ ފުރުޞަތުތަކެވެ.
ޒަކާތު ފަންޑުން އެންމެ ފަހުން ސްކޮލަރޝިޕް ދީފައިވަނީ 2018 ވަނަ އަހަރުގައެވެ. މި އަހަރުގެ ސްކޮލަރޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވުނީ މިދިޔަ އޭޕްރިލް މަހުގައި ކަމަށާއި، އެ ފުރުޞަތު ހަމަވެފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.

