މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަދު އެކަނިވެސް 200އަށްވުރެ ގިނަ އުޅަނދު ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލޭ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން މިއަދު ކުރި މަސައްކަތުގެ ތެރެއިން ޖުމްލަ 208 އުޅަނދެއް ޓޯކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، 168 ދެފުރޮޅުލީ އުޅަނދާއި، 40 ހަތަރުފޮރޮޅުލީ އުޅަނދެވެ.
މާލޭގެ މަގުތަކުގެ ދެފަރާތުގައި ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ އުޅަނދުތައް ގިނަ ދުވަސްވެފައި ހުރުމުގެ ސަބަބުން މަގު ބޭނުންކުރާ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ޚާއްސަކޮށް، އިތުރުވަމުންދާ އުޅަނދުތަކާއެކު ކުރިމަތިވަމުންދާ ޕާކިން މައްސަލަ، މިފަދައިން ހުރި ދުވަސްވީ އުޅަނދުތަކާއެކު އިތުރަށް ބޮޑުވެއެވެ.
މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ ގުޅިގެން ދަނީ ކުރަމުންނެވެ.
މިއީ މާލޭގެ މަގު ތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.
މާލެއާ އެކު، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައިވެސް ގަވައިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ކުރަމުންނެވެ.

