ޔޫރިކް އެސިޑަކީ ހަށިގަނޑުން ބޭނުން ނުވާ މާއްދާއެއްގެ ގޮތުގައި ކުޑަކަމުދާ ނިޒާމުން ބޭރުކުރާ އެއްޗެކެވެ. މިމާއްދާ ހަށިގަނޑުގައި ގިނަވުމުން ކިޑްނީގެ މައްސަލަތައް ޖެހެއެވެ. އާއްމުގޮތެއްގައި ޞިއްޙަތު ރަނގަޅު އަންހެނެއްގެ ހަށިގަނޑުގައި ޔޫރިކް އެސިޑް ހުންނަނީ 2.6 މިލިގްރާމް/ޑެސިލިޓަރ އާއި 6 މިލިގްރާމް/ޑެސިލިޓަރ އާއި ދެމެދުއެވެ. ޞިއްޙަތު ރަނގަޅު ފިރިހެނުންގެ ހަށިގަނޑުގައި 3.4 އާއި 7 މިލިގްރާމް/ޑެސިލިޓަރ ދެމެދުގައި ޔޫރިކް އެސިޑް ހުރެއެވެ. ނަމަވެސް މިމިންވަރަށްވުރެ އިތުރުވުމުން އެކި ބާވަތުގެ ބަލިތަކާއި ކުރިމަތިލާން ޖެހެއެވެ.
ޔޫރިކް އެސިޑް ދަށްކުރުމަށް އެހީވެދޭ ކާނާ:
ޔޫރިކް އެސިޑް ދަށްކުރުމަށްޓަކައި ކެއުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. މޭވާއާއި ތަރުކާރީގެ ތެރެއިން
- ޗެރީ، ބެރީގެ ބާވަތްތައް،
- އާފަލު،
- ޕީޗް،
- ކެންޓަލޮޕް، މެލަން
- ފަތްތަރުކާރީ،
- ގަނބުޅި އަދި
- ކިއުކަމްބާ ފަދަ ތަކެތި ކެއުމަކީ މުހިންމު ކަމެކެވެ.
- މީގެ އިތުރުން ޔޯގަޓް އަދި ސްކިމް މިލްކް ބޭނުންކުރުމުން ޔޫރިކް އެސިޑް ދަށްކުރުމަށް އެހީވެދެއެވެ.
- ފައިބަރ ގިނަ ކާނާ ކަމުގައިވާ ހޯލްގްރެއިންސް، އޯޓްސް އަދި ބްރޮކޮލީ،ފަދަ ތަރުކާރީ ބޭނުންކުރުމަކީވެސް މުހިންމު ކަމެކެވެ.
ޔޫރިކް އެސިޑް މައްޗަށް ދިއުމަށް މެދުވެރިވާ ކާނާ: ޔޫރިކް އެސިޑް މައްޗަށް ދިއުމަށް މެދުވެރިވާ ކާނާގެ ތެރޭގައި ޕިއުރިން މަތީ މިންވަރަކަށް އެކުލެވޭ ކާނާ ހިމެނެއެވެ. މިސާލަކަށް:
- ރަތް މަސް،
- އޯގަން މީޓް
- ބައެއް ބާވަތުގެ ކަނޑުމަސް، ޚާއްޞަކޮށް ރެހި، ސާޑިންސް އަދި މުށިމަސް ފަދަ މަސް ހިމެނެއެވެ.
- މީގެ އިތުރުން ހަކުރު ގިނައިން އެކުލެވޭ ބުއިންތަކާއި މޭވާ ޖޫސްތައް މަދުކުރުން މުހިންމެވެ.
ޔޫރިކް އެސިޑް ދަށްކުރުމަށް އެހީވެދޭ ބުއިންތައް؛
ޔޫރިކް އެސިޑް ދަށްކުރުމަށް އެންމެ މުހިންމު އެއް އެއްޗަކީ ފެނެވެ. ގިނަ އަދަދަކަށް ފެން ބުއިމުން ހަށިގަނޑުން ޔޫރިކް އެސިޑް ބޭރުކުރުމަށް އެހީވެދެއެވެ. މީގެ އިތުރުން
- ޗެރީ ޖޫސް،
- ލުނބޯ ފެން،
- އޭޕަލް ސައިޑަރ ވިނެގަރ ފެން،
- ކަރާ ޖޫސް،
- އިނގުރު ޓީ،
- ކިއުކަމްބާ ޖޫސް،
- ގްރީން ޓީ އަދި
- ރީނދޫ ކިރު ފަދަ ބުއިންތައް ބޭނުންކުރުމުން ޔޫރިކް އެސިޑް ދަށްކުރުމަށް އެހީވެދެއެވެ.
ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް: ޔޫރިކް އެސިޑް ދަށްކުރުމަށްޓަކައި ކާނާއާއި ބުއިންތަކުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް ގެންނަން ޖެހެއެވެ. ބަރުދަން ހުރި މީހުން ބަރުދަން ދަށްކުރުމަކީ މުހިންމު ކަމެކެވެ. އަދި ގަވާއިދުން ކަސްރަތުކުރުމާއި، ނަފްސާނީ ގޮތުން ކުރިމަތިވާ ޕްރެޝަރ ކުޑަކުރުމަށް މަސައްކަތްކުރުން މުހިންމެވެ. މީގެ އިތުރުން ބައެއް ބޭސްތަކުގެ ސަބަބުން ޔޫރިކް އެސިޑް މައްޗަށް ދާން މެދުވެރިވެދާނެތީ، ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ބަދަލުކުރުމަކީވެސް މުހިންމު ކަމެކެވެ.
ޔޫރިކް އެސިޑް ދަށްކުރުމަށްޓަކައި ކާނާއާއި ބުއިންތަކަށް ސަމާލުކަން ދިނުމާއެކު، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަކީ މުހިންމު ކަމެކެވެ. އަދި ޔޫރިކް އެސިޑް މަތި މީހުން ގަވާއިދުން ލޭ ޓެސްޓްކޮށް، ކިޑްނީގެ މަސައްކަތް ރަނގަޅަށް ހިނގާތޯ ބެލުމަކީވެސް މުހިންމު ކަމެކެވެ. ޚާއްޞަކޮށް ބޭސް ބޭނުންކުރާ މީހުން މިކަމަށް އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

