ރާއްޖޭގައި އަސްކަރީ ކޯޓެއް ނުހެދީ ފެބްރުއަރީ 1 ގެ ސަބަބުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދަޅުވެއްޖެއެވެ.
ރާއްޖޭގައި ސިފައިންނާމެދު އަދުލުވެރިކޮށް ކަންކަން ކުރަން ބާރު އަޅާ، އަސްކަރީ އަދުލުގެ ނިޒާމު އިފްތިތާހުކުރުމާ ގުޅިގެން ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މިފަދަ ކޯޓެއް ޤާއިމުނުކުރެވުނީ ފެބްރުއަރީ 1 ގެ ސަބަބުން ކަމަށެވެ. ޔާމީންގެ ސަރުކާރުގައި ޝަރީފް ހުންނެވީ ދިފާއީ ވަޒީރެއްގެ ގޮތުގައެވެ.
އެހެންކަމުން ޝަރީފް ވިދާޅުވި ގޮތުގައި އެސަރުކާރުގައިވެސް އަސްކަރީ އަދުލުގެ ނިޒާމު ހަރުދަނާ ކުރެވިފައިވާ ކަމަށާއި އަދި އަސްކަރީ ކޯޓުތައް އެކުލަވާލުމަށް ވާންޖެހޭ ހުރިހާ ތައްޔާރިއެއްވެސް ވީ ކަމަށެވެ. މީގެ އިތުރުން ހުރިހާ ލިޔެކިޔުންތައްވެސް ތައްޔާރުކޮށް އެކަމާއި ގުޅިގެން ޝަރުއީ ދާއިރާއާއި ކުރަން ޖެހޭ މަޝްވަރާތައް ވެސް އޭރު ކުރެވުނު ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. ނަމަވެސް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން ދިމާވި ކަންކަމާއި ގުޅިގެން އަސްކަރީ ކޯޓެއް ރާއްޖޭގައި ޤާއިމުނުކުރެވުނީއެވެ.
އަދުލު އިންސާފުގެ ނިޒާމު އިފްތިތާހު ކުރަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނީ ކޮންމެ ސިފައިންގެ މީހަކު، އެއްވެސް ވަރުބަލިކަމެއްނެތި ރެއާއި ދުވާލު ކުރާ ބުރަ މަސައްކަތަކީ ގައުމީ ފެންވަރުގެ އިނާމެއް ހައްގު މަސައްކަތެއް ކަމަށެވެ.

