ރާއްޖޭގެ ބޮޑެތި ފުޓްބޯޅަ ކްލަބްތަކަށާއި ގައުމީ ޓީމަށް ވެސް ކުޅެފައިވާ އަސްހަދު އަލީ (އަޑުބަރޭ)ގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލައިފިއެވެ.
އަސްހަދަށް ކުރާ ދައުވާތަކަކީ އަނިޔާދިނުމާއި، މުދަލަށް ގެއްލުންދިނުމާއި، މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއްކޮށްފާނެ ނުވަތަ ބިރުދެއްކުމުގެ ދައުވާއެވެ.
ނަމަވެސް، އެއީ ކޮން މައްސަލައަކާ ގުޅިގެން ކުރާ ދައުވާތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ.
އެކަމަކު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވާ އަޑުއެހުންތަކުގެ ތެރޭގައި އަސްހަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ހިމެނެއެވެ.
އަސްހަދަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައި ފާހަގަކުރެވޭ މީހެކެވެ.
މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރަކަށްހުރެ ޢަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައެއް ބަލަމުން އަންނަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ފުރަން ޖާމިނުވިީ ވެސް އަޑުބަރޭއެވެ.

