މާލޭގައި ބަންގްލަދޭޝް މީހަކު ރަހީނުކުރުމަށް ފަހުގައި އެމީހާގެ އާއިލާއަށް ގުޅައި ފައިސާތަކެއް ހޯދަން ޑިމާންޑްކުރި މައްސަލައެއްގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މުހައްމަދު ޝަޖަހާން ކިޔާ ބަންގްލަދޭޝް މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ސަދިގުލް މިއާ އާއި މުހައްމަދު އަޒީޒުލް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިއެވެ.
އެމީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:40 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަޖަހާން ރަހީނުކޮށް، އަނިޔާކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޝަޖަހާންގެ ފޯނު ނަމްބަރުގެ ލޮކޭޝަން ބެލިއިރު އޭނާ އެ ވަގުތު ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ތަނެއްގައިކަން އެނގުނު ކަމަށެވެ..
އަދި ފުލުހުން އެ ސަރަހައްދުގައި ތިއްބައި ޝަޖަހާން އެ ގޯޅިތެރޭގައި ހުންނަ އެސްއައި ގެސްޓްހައުސް ނިކުންތަން ފެނުނު ކަމަށާއި ފުލުހުން ސުވާލުކުރުމުން އަޒީޒުލް އާއި އިތުރު ބަޔަކު އޭނާ ރަހީނުކޮށް ބިރު ދައްކައި އަނިޔާކުރި ކަމަށް ބުނި ކަމަށް ކޯޓު އަމުރުގައިވެއެވެ.
އޭނާ ބަންދުކޮށްގެން ގެންގުޅުނު ކަމަށް ބުނާ ކޮޓަރިއަށް ފުލުހުން ވަންއިރު، އަނިޔާކުރި ކަމަށް ބުނާ ދެ މީހުން އެ ވަގުތު އެތަނުގައި ތިއްބެވެ. ދެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.
އެ ތަނުން އެކަކަކީ ސައްހަ ވިސާއެއް ނެތި ގަވައިދާ ހިލާފަށް ތިލަފުށީގައި މަސައްކަތް ކުރާ ސަދިގުލްއެވެ. އެ ބިދޭސީ މީހާ ބުނެފައިވަނީ އޭނާއަކީ މީހަކު ރަހީނުކޮށް އަނިޔާ ކުރުމުގައި ބައިވެރިވެފައިވާ މީހެއް ނޫން ކަމަށެވެ.
އެމީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ އެއީ ބިދޭސީންނަށް ވެފައި ބަންދުން ދޫކޮށްލައިފި ނަމަ، ފިލައިގެން ބޭރަށް ދިއުމުގެ ފުރުސަތު އޮތުމުން ކަމަށް އަމުރުގައި ބުންޏެވެެ.

