ފުލުހެއްގެ ލޯމަތީގައި ޖެހި މީހަކު އެއް އަހަރު ދުވަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިއީ މި އަހަރުގެ ޖަނަވަރީ މަހު މާލެއިން އަރިއަތޮޅު ދެކުނު ބުރީ ދަނގެއްޗަށް ދަތުރުކުރި ލޯންޗަކުން ގެންދިޔަ ފޮތިކޮތަޅެއް ހިފައިގެން ދިޔަ މީހަކު ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރުމުން ފުލުހަކަށް ހަމަލާދިން މައްސަލައެކެވެ.
ދަނގެތީ މެޖިސްޓްރޭޓް ކޯޓުން ނިންމި މި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓްގައިވާ ގޮތުން، ދައުލަތުން ދަނގެތީ މީހެއްގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ދައުވާއެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން ޖަނަވަރީ ހަތަރުވަނަ ދުވަހު ހަވީރު މާލެއިން ދަނގެއްޗަށް ފުރި ފެރީ ލޯންޗުން ގެނައި ހުދު ކުލައިގެ ފޮތިކޮތަޅު ހިފައިން، ދައުވާ ލިބުނު ދަގެނތީ މީހާ ބައިސްކަލެއްގައި އެ ރަށު ބަނދަރުމަތިން ދަނިކޮށް މަޑުކުރުމަށް ފުލުހުން އެންގުމުން ވެސް ފުލުހުންގެ އަމުރަށް ކިޔަމަންނުވެ، އޭނާ ދިޔައީއެވެ. އެ ހިސާބުން އޭނާ ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން، ފުލުހެއްގެ ކަނާއަތު ލޯ މަތީގައި އެ މީހާ ޖެހީއެވެ.
މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބުނު މީހާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވުމުން އޭނާއަށް ލުއި އަދަބެއް ދިނުމަށް ކޯޓުން ވަނީ ނިންމާފައެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ އެއް އަހަރާއި ދެ ދުވަހުގެ ޖަލު ހުކުމެކެވެ.
އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން ބެލިއިރު، އޭނާއަކީ ޖޫރިމަނާ ދެއްކޭފަދަ މީހަކަށް ނުވުމުންނެވެ. ޖޫރިމަނާ ކުރިނަމަ އޭނާއަށް އަންނާނީ 74،000 ރުފިޔާގެ ޖޫރިމަނާއެކެވެ.
ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އޭނާ އެދުނު ނަމަވެސް، އެ އަދަދު ނުދެއްކޭނެ ކަމަށް ދައުވާ ލިބުނު މީހާ ބުންޏެވެ.

