ރާއްޖޭގައި އެކައުންޓިން އަދި މާލީ ދާއިރާ ހަރުދަނާ ކުރަން ބޭންްކް އޮފް މޯލްޑިވްސް އާއި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން އެކައުންޓިންއާއި އޮޑިޓިންގެ ދާއިރާގައި ފަންނީ މިންގަނޑުތައް މަތިކުރަން ބީއެމްއެލްއާއި ސީއޭ މޯލްޑިވްސް ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ސީއޭ މޯލްޑިވްސް އާއެކު ކުރުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ މަގުސަދަކީ ގާބިލުކަން އިތުރުކޮށް، ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ކުރިއަރުވާ، ރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ތަރައްގީކުރުމުގައި މިހާރު އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން ކަމަށެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާގައި ހުނަރު، މައުލޫމާތު އަދި ނަޒާހަތްތެރިކަމުގެ މިންގަނޑުތައް ތަރައްގީކުރުމަށް އެހީތެރިވެދީ، ދެ މުއައްސަސާއަށާއި ދިވެހި އިގުތިސާދަށް ދިގު މުއްދަތުގެ ފައިދާ ހޯދައިދިނުމެވެ.
ފާއިތުވި އަހަރު، ބީއެމްއެލް އިން ވަނީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް (އެމްއޭއެފް) ބޭއްވުމަށްޓަކައި ސީއޭ މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

