ނ. މާޅެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ޖެޓީ އެޅުމުގެ މަސައްކަތަށް ބޭނުންވާ ހިލަތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު އެ ސަރަހައްދަށް ގެނެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
2025 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫޢުގެ ދަށުން 9,735 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން، 73 މީޓަރުގެ ބްރޭކްވޯޓަރެއް އަދި 15 މީޓަރުގެ ގްރޮއިނެއް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އަދި 386 މީޓަރުގެ ސަރަހައްދެއްގައި ރޮކް ބޯލްޑާ ރިވެޓްމަންޓް ޖެހުމާއި، 175 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. މީގެ އިތުރުން 47 މީޓަރުގެ ކުއޭ ވޯލެއް ޖެހުމާއި، 928 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި މަޝްރޫޢުގެ ތެރެއިން އެކްސެސް ޕްލެޓްފޯމަކާއި، ބްރިޖަކާއި، ކޮންކްރީޓް ޖެޓީއަކާއި، ބީކަންތަކާއި، ބަނދަރު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. މި މަސައްކަތްތައް ފެށުމަށްޓަކައި މިހާރު ވަނީ ފުރަތަމަ ޝިޕްމަންޓްގެ ގޮތުގައި ގެނެވުނު ހިލަތައް ރަށާ ހަމައަށް ގެނެވިފައެވެ.

