ތިލަފުށީގައި ތަރައްޤީ ކުރަމުންދާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލު މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީގައި ތަރައްޤީކުރަމުންދާ މި މަޝްރޫޢުގެ ދަށުން 2،000 ކޮންޓެއިނަރުގެ ޖާގަ ހިމެނޭ ކޮންޓެއިނަރ ޑެޕޯއެއް ގާއިމު ކުރެވޭނެ އެވެ. އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން ކީ ވޯލްގެ ކޮންކްރީޓް ބްލޮކްތަކުގެ މަސައްކަތް މުޅިން ނިމި، މިހާރު ކުރިއަށް ދަނީ ކީ ވޯލްގެ ކޮންކްރީޓް ކެޕިންގގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢަކީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ 60 މީޓަރުގެ އެތެރެ ތޮށްޓަކާއި 15 މީޓަރުގެ އިތުރު ތޮށްޓެއް ލުމުގެ އިތުރުން ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތެވެ.
އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި، އެމްޓީސީސީގެ މަސައްކަތް ނިމުމުން، އެތަނުގައި ވޯކްޝޮޕަކާއި އޮފީސް އިމާރާތެއްގެ އިތުރުން ލައިޓް ޕޯސްޓްތައް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. މި މަސައްކަތްތައް ނިންމުމަށް އަމާޒުކުރަނީ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައެވެ.
މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުށްޓަށް ބަދަލު ކުރުމުގެ އިތުރުން، ނޯތު ހާބަރާއި ޓީ- ޖެޓީ ވެސް އެ ސަރަހައްދަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ހުޅުމާލޭގައި މިހާރު ބޭނުން ކުރާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަކަށް ބަދަލު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. މި މަސައްކަތްތައް ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ނިންމުމަށް އެމްޕީއެލް އިން ވަނީ ރާވާފައެވެ.

