ދިވެހީންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަގުސަދުގައި، “ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒު” ގެ ނަމުގައި ހާއްސަ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި މި އިދާރާ ހިންގަމުންދާނީ ދިވެހި ބަހާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
މި މަރުކަޒު އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ގައުމިއްޔަތު އާލާ ކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން، ދިވެހި ބަހާއި ތާރީހާއި ތަރިކަ އަދި އާދަކާދަތަކުގެ އިތުރުން ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް، ދިރުވައި، އާލާކުރުމެވެ. އަދި ދިވެހީންގެ މެދުގައި ދިވެހިންވަންތަކަމާއި ދިވެހީންގެ ހައްގުގައި ހިދުމަތް ކުރުމުގެ ވިސްނުމާއި ރޫހު ދިރުވައި އާލާކުރުމަށް މަގުފަހިކުރުމެވެ.
މި މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެ އާއި ދިވެހި ގައުމިއްޔަތާ ގުޅޭ ގޮތުން އެކި ބަސްބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމާއި، ރާއްޖެ އާއި ދިވެހީންނާ ގުޅޭ ގޮތުން ހުރި އެވޭލާ ބަސްމަގުގެ ލިޔުންތައް މިހާރުގެ ބަސްމަގަށް ބަދަލު ކުރުން ހިމެނެއެވެ. ނަމަވެސް، މިއީ މިހާރުވެސް ދިވެހި ބަހާއި ތަރިކައާ ބެހޭ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކެއްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
މި މަރުކަޒު އުފެއްދެވުމާ ގުޅިގެން ފާހަގަކޮށްލެވޭ ކަމަކީ، މިއަހަރު ފާހަގަކުރި ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ ހިތާބުގައި، “ގައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅޭން ފެށުމުން އެބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތަކާއި އަދި އެ ތަޖުރިބާތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެއް” ކަމުގައި ވިދާޅުވެފައިވުމެވެ.
މި މަރުކަޒު އުފެއްދެވުމާއެކު، ދިވެހި ތާރީހާއި ތަރިކައިގެ ދިރާސާތައް އިތުރަށް ފުޅާވެ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

