ކަޝްމީރުގެ ޕާކިސްތާނު ފަޅި ހިމެނޭ ގޮތަށް ޕާކިސްތާނުގެ ދެކުނަށާއި ހުޅަނގުއުތުރުގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހި ފެން ބޮޑު ވުމާ ގުޅިގެން އެތައް ސަތޭކަ ބަޔަކު މަރު ވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމުން އެކަމާމެދު ހިތާމަކުރައްވާ ކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާފައިވެއެވެ.
ޕާކިސްތާނުގެ ޑިޒާސްޓާ އޮތޯރިޓީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާގައި މިހާތަނަށް 307 މީހުން ވަނީ މަރުވެފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ފަރުބަދަމަތީ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައެވެ. މީގެ އިތުރުން 74 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރި ހެލިކޮޕްޓަރެއް ވެއްޓި، އޭގެ ފަސް ފަޅުވެރިން ވެސް ވަނީ މަރުވެފައެވެ.
ޕާކިސްތާނުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އޮގަސްޓް 21 ވަނަ ދުވަހާ ހަމައަށް ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އިންޒާރު ދީފައެވެ. އަދި ގިނަ ސަރަހައްދުތަކެއް ވަނީ ޑިޒާސްޓާ ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގެއްލުންތައް ބަލައި އެހީ ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސްކުރުމަށް މަތީ ފެންވަރުގެ ޚާއްސަ ޓާސްކް ފޯސްއެއް އުފައްދަވާފައެވެ. އަދި ސަރުކާރުގެ މުއައްސަސާތަކަށް ވަނީ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ހީވާގިކަމާއެކު ފޯރުކޮށްދިނުމަށް އިރުޝާދު ދެއްވާފައެވެ.

