އދ. މާމިގިލީ ބޯޓުޔާޑުގައި އޮތް ދަގަނޑު ބޯޓެއްގެ ވީލްހައުސްގައި މިއަދު ރޯވި އަލިފާން، އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ އަވަސް މަސައްކަތުން ނިވާލަައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އދ. މާމިގިލި ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:28 ހާއިރުއެވެ. އަދި ވަގުތުން ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި، 15:30 ހާއިރު ވަނީ އަލިފާން މުޅިން ނިއްވާލެވިފައެވެ.
އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ބޯޓުގެ ވީލްހައުސް މަތީގައި ހަރުކޮށްފައި ހުރި އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެ ތެރޭގައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން ވެސް އެމްއެންޑީއެފްއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި މާމިގިލީ އެއާޕޯޓުގެ ފަޔާ ފައިޓަރުން ވެސް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.

