ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ ނުވަތަ ޔޫތު އެޑްވައިޒަރީ ބޯޑުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުﷲ މާހިލް ޝަހީމް އިސްތިއުފާ ދެއްވައިފިއެވެ. މި މަޢުލޫމާތު “ވަގުތު” އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އިސްތިއުފާއާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު އެނގިފައެއް ނުވެއެވެ.
މާހިލް ޝަހީމް މި ބޯޑަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭނާގެ އިސްތިއުފާ މި އައީ އޭނާއާ ގުޅޭ ބައެއް މައްސަލަތައް މީޑިއާގައި ފާޅުވެގެން ދިޔަތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.
“އަދަދު” ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މާހިލް ޝަހީމް ވޭޕް ސާމާނު ގައިގައި ބަނދެގެން އެތެރެކުރަން އުޅެފައިވެއެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި މާހިލް ރާއްޖެއަށް އައިއިރު، ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުމުން ކަސްޓަމްސްއިން ހިފަހައްޓާފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ފަރާތުން ވިދާޅުވެފައިވަނީ މިއީ ދޮގު ވާހަކައެއް ކަމަށެވެ.
ޔޫތު އެޑްވައިޒަރީ ބޯޑަކީ 15 މެންބަރުން ހިމެނޭ ބޯޑެކެވެ. މި ބޯޑުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމެވެ. އަދި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމެވެ.
މާހިލްގެ އިސްތިއުފާއާއެކު، މިހާތަނަށް މި ބޯޑުން އިސްތިއުފާ ދެއްވި މެންބަރުންގެ އަދަދު އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މާހިލްއަކީ ހާރިޖީ ވުޒާރާގެ މަޤާމެއްވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

