ފުލުހުންގެ ބެލުމުގެ ދަށުގައި އަތޮޅުވެހީގައި ހުއްޓާ މިއަދު ހެނދުނު ނިޔާވި، ގ. ޒާމިޔާ، އުމުރުން 48 އަހަރުގެ އަހުމަދު އަފްރާހުގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފިއެވެ. އަފްރާހު ހައްޔަރުކޮށް ބަންދުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަފްރާހުގެ ހާލަތު ބެލިއިރު އެއްވެސް ހަރަކާތެއް ނެތުމުން، ވަގުތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާ ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަފްރާހުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވީ ނަމަވެސް، އެ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ތާރީޚެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
އަދި މި މައްސަލައިގެ ތަހުގީގު ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރިއަށްގެންދާ ކަމަށް ފުލުހުން ވިދާޅުވެފައިވީ ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް މިވަގުތު ހާމަކުރައްވާފައެއް ނުވެއެވެ.

