ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ ފަރާތްތަކުން ދިރިއުޅުން އެ ސަރަހައްދަށް ބަދަލުކުރުމުގެ ކުރިން، ހުޅުމާލެ ފޭސް 2 ގައި ބަސް ސްޓޮޕްތައް އިތުރުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި މަސައްކަތް ފަށާފައިވަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަޤްޞަދުގައެވެ.
މި މަސައްކަތް ފެށިފައިވަނިކޮށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަން ހާމަކުރައްވާފައެވެ. އެފްޑީސީން އަމާޒު ހިފާފައިވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއްބަސްވުމެއްގައި ސޮއިކޮށް، ފްލެޓްތައް ހަވާލުކުރުމަށެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާތަނަށް 2،665 ފަރާތެއްގެ ނަން އެފްޑީސީއަށް ފޮނުވާފައިވާއިރު، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް އެފްޑީސީން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި މުވައްޒަފުން އިތުރުކުރުމާއި، ތަމްރީން ދިނުމާއި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ހުންނަ ޑެސްކްތައް އިތުރުކުރުން ހިމެނެއެވެ.
އެފްޑީސީން ވިދާޅުވިގޮތުގައި، ވުޒާރާއިން ފޮނުވާ މަޢުލޫމާތުތައް އަވަހަށް ޕްރޮސެސްކޮށް، ސޮއިކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ޕޯޓަލަށް އެޅުމަށް އަންގާ މުއްދަތު އަވަސްކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދެއެވެ.

