މާލޭގެ މައި މަގުތަކުގެ ތެރެއިން އެއް މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހެދުމަށްޓަކައި މަގުގެ އެއްފަޅި ބަންދުކުރުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެސިޓީ ކައުންސިލްގެ އިދާރާއިން މިރޭ ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 18 އޯގަސްޓް 2025 އިން ފެށިގެން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނު މަގުގެ އެއްފަޅި ބަންދުކުރެވޭނެއެވެ. މި މުއްދަތުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދި ކައުންސިލުން ވަނީ އިއުލާނުގައި ބަޔާންކޮށްފައެވެ.
މި މަޝްރޫއުއާ ގުޅޭގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، "ބޮޑުތަކުރުފާނު މަގު ތަރައްގީ ވެގެން ދާނީ ފުޅާކޮށް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް" ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވާއިރު، މާލެ އަދި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މި މަސައްކަތުގެ ސަބަބުން މަގު ބަންދުވުމާ ގުޅިގެން ދަތުރުފަތުރަށް އަންނާނެ ބަދަލުތަކާ ގުޅޭ އިތުރު މައުލޫމާތު ކައުންސިލުން އާންމުކުރާނެ ކަމަށް ބެލެވެއެވެ.


