ގދ. ގައްދޫއިން ބިން ކުއްޔަށް ދިނުން އެ ރަށު ކައުންސިލުން މަޑުޖައްސާލައިފިއެވެ.
ގައްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލްގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ރަށުން ބިން ދޫކުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 16 ވަނަ އިސްލާހުން މަނާކުރުމުގެ ސަބަބުން ގދ. ގައްދޫއިން ދޫކުރުމަށް ހަމަޖެހިފައި އޮތް ބާރަ ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެ ކައުންސިލުން ނިންމައިފައިވާ ކަމަށެވެ.
މި އަހަރުގެ ޖޫން މަހުގެ 29 އިން މި މުއްދަތާ ހަމައަށް ވިޔަފާރީގެ އެކި ބޭނުންތަކަށް ބިން ހޯދުމަށް އެދި އެ ކައުންސިލްގައި އެދިފައިވާ ބާރަ ކުލީ ބިމުގެ މުއާމަލާތު ހިންގުމަށް ގާނޫނު މަހްދޫކޮށްފައިވާތީ، އެ ބިންތައް ކުއްޔަށް ދިނުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފައިވާ ކަމަށް ކައުންސިލުންގެ ބަޔާނުގައިވެއެވެ.
ގައްދޫ ކައުންސިލުން ވަނީ މި ބިންތައް ކުއްޔަށް ދޫކުރުން ހުއްޓާލަން ޖެހޭތީ އެ ކަމުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ކިބައިން މާފަށް އެދިފައެވެ.

