2027ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ ބިލު ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ފެނާއި ނަރުދަމާގެ ޤާނޫނަށް ގެނައި އިޞްލާޙުގައި ވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެ ކަމަށެވެ.
ފެނާއި ނަރުދަމާގެ ޤާނޫނުގައި މީގެ ކުރިން އޮންނަ ގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ފެނާއި ނަރުދަމާގެ ޤާނޫނަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 5 އަހަރުގެ ތެރޭގައި ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެއެވެ.
މި ޤާނޫނު ތަސްދީޤުކުރީ 2020 ވަނަ އަހަރުއެވެ.

