ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އިތުރު ސަރަޙައްދުތައް ހިއްކުމުގެ މަސައްކަތް މިހަފްތާތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފުށި ދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކުމަށް ރޭވިފައިވާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ 129.60 ހެކްޓަރުގެ ބިން ހިއްކާ ނިމިފައެވެ. މިއީ މުޅި މަޝްރޫޢުގެ 12.84 އިންސައްތައެވެ. މިހާރު ހިއްކާފައިވާ ސަރަޙައްދަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބޮޑުމިނާ އެއްވަރުގެ ސަރަޙައްދެކެވެ.
ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މިހާރު މަސައްކަތް ކުރަމުންދާ ދެ ކުންފުނީގެ އިތުރުން ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާވެސް ވަނީ މަސައްކަތް ހަވާލުކޮށްފައެވެ. އެޗްޑީސީން މަޢުލޫމާތު ދެއްވާގޮތުގައި، އެ ކުންފުނިން ސައިޓް މޮބިލައިޒްކޮށް، ބިން ހިއްކުމަށް ބޭނުންވާ ބަނޑު ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، ޑްރެޖަރވެސް ވަނީ ރާއްޖެ ގެނެވިފައެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމްލަ 65,000 ގެދޮރު އެޅުމަށް ވަނީ ރޭވިފައެވެ. މީގެ ތެރެއިން ފުރަތަމަ 15,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިހާރުވެސް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢު ފުރިހަމަވުމުން ރަސްމާލެއަކީ ހުޅުމާލޭގެ 3 ފިޔަވަހިއަށްވުރެ ބޮޑު، އަދި ހުޅުމާލެއަށްވުރެ 2.5 މީޓަރު އުސް ސަރަޙައްދަކަށް ވެގެންދާނެއެވެ.
ސަރުކާރުން މަޢުލޫމާތު ދެއްވާގޮތުގައި، ރަސްމާލެއަކީ އިންޑިޔާ ކަނޑުގައި ތަރައްޤީކުރެވޭ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށް ވެގެންދާނެއެވެ. އަދި މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާ ރައްޓެހި އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފްކުރެވޭނެ މުހިންމު މަޝްރޫޢެއްކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

